އިންތިޚާބާއި ގުޅޭ 70 ޝަކުވާ

އިންތިޚާބާއި ގުޅޭ 70 ޝަކުވާ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި ގުޅޭ 70 ޝަކުވާއެއް މިހާތަނަށް ހުށައަޅާފައިވާކަމަށް އިންތިޚާބާއި ގުޅޭ ކޮމްޕްލަޔަންސް ބިއުރޯއިން ވިދާޅުވެއްޖެއެވެ.

ރޭ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި  ދައްކަވަމުން ކޮމްޕްލައިންސް ބިއުރޯގެ ހެޑް އިބްރާހީމް ޙާފިޒް ވިދާޅުވީ މިދިޔަ އަހަރު އިންތިޚާބު ބޭއްވުމަށް ތާރީޚް ކަނޑައެޅި ހިސާބުން އިންތިޚާބާއި ގުޅޭ ޝަކުވާ ހުށައެޅުމަށް ފުރުޞަތު ހުޅުވާލިކަމަށެވެ. އަދި އޭގެ ފަހުން އިންތިޚާބު ފަސްވެގެން މިހާތަނަށް އާއިރު އިންތިޚާބާއި ގުޅޭ 70 ވަރަކަށް ޝަކުވާ އެ ބިއުރޯއަށް ހުށައަޅަފައިވާކަމަށާއި އެންމެ ގިނައީ ވޯޓަސް ރަޖިސްޓްރޭޝަންއާއި ގުޅޭ ޝަކުވާކަމަށެވެ. އެއީ ވޯޓާސް ލިސްޓްގައި ނަން ނެތުންފަދަ މައްސަލަތައްކަމަށާއި، އެކަންކަން މިހާރު ހައްލުކޮށްދީފައިވާކަމަށް ޙާފިޒް ވިދާޅުވިއެވެ. މީގެ އިތުރުން އިންތިޚާބުަގއި ވާދަކުރާ ކެނޑިޑޭޓުންގެ ހައްގަށް އުނިކަން އަންނަ ފަދަ ކަމެއްކޮށްގެން ހުށައެޅިފައިވާ ޝަކުވާތަކާއި އޮފިޝަލުންނާއި ބެހޭ ޝަކުވާތަކާއި ކެމްޕެއިންގައި ބޭނުންކުރާ މެޓީރިއަލްގެ ޝަކުވާވެސް އެ ބިއުރޯއަށް ހުށައަޅާފައިވާކަމަށް ޙާފިޒް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބެލުމަށްޓަކައި، ޝަކުވާ ބަލައިގަތުމުގެ ނިޒާމެއް އިލެކްޝަންސް ކޮމިޗަނުން މިހާރު ވަނީ ޤާއިމްކޮށްފައެވެ. އެގޮތުން، އިންތިޚާބަށް ކުރިމަތިލުމަށް އިޢުލާން ކުރުމާއެކު ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯއެއް އިލެކްޝަންސް ކޮމިޝަނުން ވާނީ އުފައްދާފައެވެ. މާލެ ފިޔަވައި އެހެން ސިޓީތަކުގައި އަދި ކޮންމެ އަތޮޅެއްގައި ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމްޕްލެއިންސް ބިއުރޯއެއް އިއްޔެ ވަނީ އުފައްދާފައެވެ.

މީގެ އިތުރުން ވޯޓުލާ ދުވަހު ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ވޯޓުލާ މަރުކަޒުގެ ވެރިޔާ މެދުވެރިކޮށް މައްސަލަ ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާނެކަމަށާއި، ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް ނުނިންމޭ ނުވަތަ ޙައްލު ނުކުރެވޭ މައްސަލަތައް ހުށަހަޅަން ޖެހޭނީ މި އިންތިޚާބުގެ ޝަކުވާތައް ބެލުމަށް ނިންމާފައިވާ އުޞޫލާ އެއްގޮތަށް އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯއަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މާލޭގައިނަމަ، ޝަކުވާ ހުށައަޅާންޖެހޭނީ ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯއަށެވެ.

ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އާ ގުޅިގެން އެއްވެސް ޝަކުވާ އެއް އޮތްނަމަ، ޝަކުވާ ހުށަހަޅާ ފޯމުން ހެއްކާއި ޤަރީނާ އާ އެކު، އިލެކްޝަންސް ކޮމްޕްލައިންޓްސް ބިއުރޯ އަށް ހުށަހެޅުއްވުމުން، އެ ޝަކުވާއަކަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ޖަވާބު ލިބިގެންދާނެކަމަށްވެސް އިލްކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *