ކޮވިޝީލްޑު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް އެ ވެކްސިންގެ ދެވަނަ ޑޯޒް އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަސީމު ވިދާޅުވީ އަންނަ މަހުގެ ތިނަކުން ފެށިގެން ރާއްޖޭގައި ކޮވިޝީލްޑު ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ފަށާ އިރު އެ ވެކްސިން ދޭނީ ހަމައެކަނި ދެވަނަ ޑޯޒު ޖަހަންޖެހޭ މީހުންނަށް އެކަނި ކަމަށެވެ. އެއީ ރާއްޖޭގައި ކޮވިޝީލްޑު ވެކްސިން ހުރީ ވެސް އެ މިންވަރަށް ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން ރާއްޖޭގައި މިވަގުތު ދެން އެއްވެސް މީހަކަށް ކޮވިޝީލްޑު ވެކްސިންގެ ފުރަތަމަ ޑޯޒެއް ނުދޭނެ އެވެ. ރާއްޖޭގައި މިވަގުތު ދެމުން އަންނަނީ ސައިނޯފާމް ވެކްސިނެވެ. އެ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީން ވަނީ މިމަހުގެ 14 ވަނަ ދުވަހު ދީފަ އެވެ.
ރާއްޖޭގައި ކޮވިޝީލްޑު ވެކްސިންގެ ދެވަނަ ޑޯޒު ދޭން ފަށާއިރު އިންޑިއާގެ ސިރަމް އިންސްޓިޓިއުން ގަންނަން ނިންމި 300,000 ކޮވިޝީލްޑް ވެކްސިންގެ ތެރެއިން 100,000 ވެކްސިން ޑޯޒު ވަނީ އިއްޔެ ރާއްޖެ ގެނެސްފަ އެވެ. އަދި އިތުރު އެއް ލައްކަ ޑޯޒު ވަރަށް އަވަހަށް ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ސައިނޯފާމް ވެކްސިނަކީ ވެސް އެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ވެކްސިނެއް ކަމުން ވެކްސިން ނުޖަހާ ފަރާތްތަކުން އެ ވެކްސިިންގެ ފުރަތަމަ ޑޯޒު ޖެހުމަށް މިނިސްޓަރު ނަސީމު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ. ލުއިތަކެއް ދެވެން އޮތީ ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދެވިގެން ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

