މިހާރު މަޝްރަހު ހޫނުވެފައިވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަނަށް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި، ދައުވާ ނުކުރުމަށް ނިންމި ނިންމުމާއި މެދު އޭސީސީއާއި އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަން ނުވަތަ ނޫންކަން ދެނަގަތުމަށް ނިންމާއިފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމަވައިފިއެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޕީޖީ ނިންމި ނިންމުމާމެދު އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޢާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ކަންބޮޑުވުން ހުންނާނެކަން ޤަބޫލުކުރައްވާކަމަށެވެ. އަދި އޭސީސީ އިން އިއްޔެ ބޭއްވި ޕްރެސް ކޮންފަރަންސެއްގައި ޕީޖީ އޮފީހަށް ފޮނުވި ސިޓީއަކަށް ޖަވާބު ނުދީ އޮތްކަމަށް ވިދާޅުވި ނަމަވެސް އެކޮމިޝަނުން އެ އޮފީހަށް ފޮނުއްވާފައިވާ އެއްވެސް ސިޓީއަކަށް ޖަވާބު ނުދެވި ވާކަމަކަށް ރެކޯޑުތަކަކުން ނުދައްކާކަމަށްވެސް ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން އެ ނިންމުން މުރާޖަޢާ ކުރާއިރު މައްސަލައިގައި ފުލުހުންނާ ގުޅިގެން ހޯދިފައިވާ ހެކިތައްވެސް ވަކިން ގެނެސް އިތުރަށް ތަޙުޤީޤުކުރަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު ތަޙުޤީޤު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް އިރުޝާދު ދިނުމަށްވެސް ޤަޞްދުކުރާކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.
ޕީޖީ ވިދާޅުވީ މި މައްސަލާގައި ނިންމާފައިވާ ނިންމުން މުރާޖައާ ކުރުމުގައި ކުރިން ދީފައިވާ އިރުޝާދުގައި ހުރި ކަންކަން ތަޙުޤީޤުކުރުމުގައި ފުލުހުންގެ އެހީތެރިކަން އޭސީސީއަށް ދިނުމަށް ފުލުހުންގެ މުއައްސަސާއަށް އެންގުމަށްވެސް ނިންމާފައިވާކަމަށެވެ. އަދި އޭގެ ފަހުން މައްސަލަ ދިރާސާ ކުރުމަށްފަހު އަލަށް ހޯދޭ ހެކިތަކުގެ އަލީގައި ނިންމުން މުރާޖައާ ކުރުމަށްވެސް ނިންމަވާފައިވާކަމަށެވެ.

