ކުރީސަރުކާރުގެ ހައުސިންގ މިނިސްޓަރ އަދި ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން މާލެ ސިޓީ ކައުންސިލަށް ވާދަ ކުރައްވާ ޑރ.މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވެއްޖެއެވެ.
ޑރ.މުއިއްޒު ހާޒިރު ކޮށްފައިވަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް ނޭގެއެވެ. މުއިއްޒު އޭސީސީއަށް ހާޒިރުވުމަށް ދެންނެވުމާއި ގުޅިގެން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއީ ކުރިއަށް ކައުންސިލް އިންތިޚާބުގައި ކެމްޕެއިނަށް ހުރަސް އަޅައި، އަސްލެއްނެތް ދިގުވާހަކަ ފަތުރައި އަބުރު ކަތިލުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ. މިކަމުގައި ހަމަ އެއްވެސް ވަރަކަށް ފަހަތަށް ޖެހުމެއްނެތި ސާބިތުކަމާއިއެކު ހުންނެވިކަަމށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލަށް ޑރ.މުއިއްޒު ވާދަކުރައްވަން ނިންމެވި ހިސާބުން ސަރުކާރުން ދަނީ ޑރ.މުއިއްޒުއަށް ބިރު ދެއްކުމުގެ އެކި ތުހުމަތުތައް ކުރައްވައި، އެކި މައްސަލަތައް މުއިއްޒުއަށް އަމާޒު ކުރަމުންނެވެ. އެގޮތުން ނޫމަޑި މައްސަލައާއި، ހިޔަ ހައުސިން ޔުނިޓްތަކާއިގުޅުވައިގެން މުއިއްޒުއަށް އެކި ތުހުމަތުތައް ކޮށްފައިވެއެވެ. މާލެ ސިޓީއަށް މިފަހަރު ޑރ.މުއިއްޒު އިންތިޚާބު ވެދާނެކަމުގެ ބިރު ސަރުކާރަށްހީވެފައިވާއިރު ސަރުކާރުން ދަނީ މުުއިއްޒުއާއި ގުޅުވައިގެން އެކި ވާހަތައް ދައްކަމުންނެވެ.
ޚާއްސަކޮށް ސަރުކާރުގެ މަތީފަންތީގެ ބޭފުޅުންނާއި މަޖިލިސް ރައީސްގެ ބަހުގެ ހަމަލާތައް ޑރ.މުއިއްޒުއަށް ދަނީ ރައްދު ކުރަމުންނެވެ.

