ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން މިމަހު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ދުވަހަކީ އިއްޔެ ކަމަށް ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން އިއްޔެ 4،509 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މި އަދަދާއި އެކު މިއަހަރު މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު 255،903 އަށް ވަނީ އަރާފައެވެ.
އެއީ ޖަނަވަރީ މަހު ރާއްޖެ އައި 92،103 ފަތުރުވެރިންނާއި މިދި މަހު އައި 96،882 ފަތުރުވެރިންނާއި މިމަހުގެ މިހާތަނަށް އައި 66،918 ފަތުރުވެރިން ހިމަނައިގެންނެވެ. އެހެންކަމުން އެވްރެޖް ގޮތެއްގައި މިއަހަރު ދުވާލަކު 3239 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.
ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ހުޅުވާލިފަހުން މިވީ މުއްދަތުގެ ތެރޭގައި އެންމެ ގިނައަދަދަކަށް ފަތުރުވެރިން އަންނަ އިންޑިއާ އާއި ރަޝިއާ އިން މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވެސް ބައި ލައްކައިން މައްޗަށް ގޮސްފައި ވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލަތު ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނަ އިރު ރާއްޖޭގައި މިހާތަނަށް އޮޕަރޭޝަނަށް ނެރެވުނު ޓޫރިސްޓް އެނދުގެ އަދަދުވެސް ވަނީ 86 އިންސައްތައަށް އަރާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން ކޯވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައިސް، އަލުން ފަށައިގަތް ފަހުން މިހާތަނަށް 45،527 ޓޫރިސްޓް އެނދު ހިދުމަތަށް ވަނީ ނެރެފައެވެ.

