ސިނޯފާމާއި ފައިޒާ ވެކްސިން އަށް ރާއްޖޭގައި ހުއްދަ ދީފި

ސިނޯފާމާއި ފައިޒާ ވެކްސިން އަށް ރާއްޖޭގައި ހުއްދަ ދީފި

ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރުމަށް އުފައްދާފައިވާ ސިނޯފާމް އާއި ފައިޒާ ވެކްސިނަށް ރާއްޖޭން ހުއްދަ ދީފި އެވެ.

މިއަދު ބޭއްވި އެޗްއީއޯސީގެ ޕްރެސް ބްރީފިންގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިއުލާނުކުރި ގޮތުގައި ސިނޯފާމް ވެކްސިން ޖަހާނީ 18-60 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ފައިޒާ ވެކްސިން މިހާރު ވެސް ވެކްސިން ދޭ އުމުރުތަކުގެ މީހުންނަށް ދޭނެ އެވެ. މި ދެ ވެކްސިނަށް ވެސް ދިނީ އިމަޖެންސީގައި ބޭނުންކުރުމުގެ ހުއްދަ އެވެ.

ރާއްޖެއަށް ސައިނޯފާމް ވެކްސިންގެ 18،000 ޑޯޒް ލިބިފައި ވެ އެވެ. އޭގެ އިތުރުން ޗައިނާ ސަރުކާރުން ވަނީ ވެކްސިންގެ އިތުރު 200،000 ޑޯޒް ހަދިޔާކުރަން ނިންމައިފަ އެވެ. ފައިޒާ ވެކްސިނެއް އަދި ނުލިބެ އެވެ. އޭގެ ވެކްސިން ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މިހާރު ޖަހަމުން އަންނަ ކޮވިޝީލްޑްގެ ސްޓޮކް ވެސް ވަނީ ހުސްވުމާ ގާތްވެފަ އެވެ. އިންޑިއާ ސަރުކާރުގެ އެހީ އަދި ކޮވެކްސް ފެސިލިޓީގެ ދަށުން މީގެ ޖުމްލަ 212،000 ޑޯޒް ލިބިފައި ވެ އެވެ. އިއްޔެއާ ހަމައަށް 206،114 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާތީ މިހާރު ބާކީ ހުރީ 5،886 ޑޯޒެވެ. އެހެންވެ މިއަދަށްފަހު ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ހުއްޓާލައި އިތުރު ވެކްސިން ގަންނަން އަންނަނީ މަސައްކަތްކުރަމުންނެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ހުއްޓާލިއަސް އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުން، ކޮވިޑަށް ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން، ކޮންޓެކްޓަށްވެ ކަރަންޓީނުގައި ތިބި މީހުން، ރާއްޖެއިން ބޭރުން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުންނާއި މާލެއިން ދަތުރުކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން އަދި ބައްޔެއް ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުންނަށް ވެކްސިން ޖަހައިދޭނެ އެވެ.

ސަރުކާރުން ވަނީ ކޮވިޝީލްޑް ވެކްސިން އުފައްދާ ސީރަމް އިންސްޓިޓިއުޓުން 300،000 ވެކްސިން ގަންނަން އަދި އޭގެ ކުރިން ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުނިން 700،000 ޑޯޒް ގަންނަން ސޮއިކޮށްފަ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *