ނޭޝަނަލް ރިޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މީޑިޔާއަށް މަޢުލޫމާތު ޙިއްޞާކުރައްވައިފި

ނޭޝަނަލް ރިޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މީޑިޔާއަށް މަޢުލޫމާތު ޙިއްޞާކުރައްވައިފި

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރިއަށްގެންދާ ނޭޝަނަލް ރިޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް މީޑިޔާއަށް މަޢުލޫމާތު ޙިއްޞާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ތަރައްޤީގެ މަޝްރޫޢުތަކުގެ ތަރުތީބަށް ބަދަލުގެންނަން ޖެހުނުކަމަށާއި، މިހާރު ސަރުކާރުން މަސައްކަތްތައް ކުރިއަށްގެންދަނީ ނޭޝަނަލް ރިޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންއާ އެއްގޮތަށް ކަމުގައެވެ. މި މައުޟޫޢާ ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު މި ވަގުތު ކުރިއަށްދަނީ ރަނގަޅު މިސްރާބަކަށް ކަމުގައި ޤަބޫލުފުޅު ކުރައްވާ ކަމުގައެވެ. އަދި، މި އަހަރު ނިމޭއިރު، އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.

މީގެ އިތުރުން، ދަރަނި ސަރވިސް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، ގެންގުޅޭ ވިސްނުންތައް ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ޙިއްޞާ ކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ކުރީގެ ސަރުކާރުން ބޮޑު އިންޓްރެސްޓް އަކާއެކު ނަގާފައިވާ ލޯނުތައް ދެއްކުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން، މި ކަމުގައި އިތުރު އެހީތެރިކަން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލު ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ.

ޤައުމަށް ކުރިމަތިވެފައި އޮތް އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮވިޑް-19ގެ ފުރަބަންދަށް ފަހު، އިޤްތިޞާދީ ގޮތުންނާއި މާލީ ގޮތުން ސަރުކާރަށް މިހާރު ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގައެވެ. އަދި، ކުރިއަށް އޮތް 2022 ވަނަ އަހަރު، މިހާރު އޮތް ގިނަ ކަންބޮޑުވުންތަކަކަށް ހައްލު ލިބި، އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން މި ވަގުތު ހިންގަމުންދާ އެންމެ މުހިންމު އަދި އެންމެ ބޮޑު މަޝްރޫޢުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސިފަކުރެއްވީ، ދަރިވަރުންނަށް ތަޢުލީމު ހާސިލުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކެވެ. މި ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ފުރުޞަތު ހޯދައިދިނުމުގެ ވަޢުދުގެ ދަށުން މިދިޔަ ހަފުތާގައި 10,000 ވަނަ ދަރިވަރަށް އެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމުގައެވެ. އަދި، މި ކަމުގެ ހެޔޮ ނަތީޖާތަކާއި ފައިދާ ކުރިއަށް އޮތް ދޭއް ނުވަތަ ތިން އަހަރެއްގެ ތެރޭގައި ޤައުމަށް ފެންނަން ފަށާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، ހިންގަމުންދާ މަޝްރޫޢުތަކަށް ވެސް އަލިއަޅުއްވައިލެއްވިއެވެ. މި ގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުތަކާ ގުޅޭގޮތުން އެ މަނިކުފާނު މައުލޫމާތު ދެއްވިއެވެ.

"މި ވަގުތު ހުރިހާ ރަށެއްގެ މަސައްކަތްތައް ވަނީ ޓެންޑަރ ޕްރޮސެސްގައި. އޭގެ ތެރެއިން މި މަސްތެރޭގައި ވެސް ގިނަ ޕްރޮޖެކްޓްތަކެއްގައި ސޮއިކުރެވޭނެ. ކުރިއައޮތް ދެ ތިން ހަތަރު މަސްތެރޭގައި މި ދެންނެވިގޮތަށް ހުރިހާ ރަށެއްގެ ޕްރޮޖެކްތައް އެކި ފަރާތްތަކާ ހަވާލުކުރެވި އަމަލީ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށިގެންދާނެ." ރައީސް ވިދާޅުވިއެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *