އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ކޮވިޑް-19 އަށް ފައްސިވި ނަމަވެސް މަޖިލީހުގެ އެއްވެސް މެމްބަރަކާއި މުވައްޒަފަކު ވެސް އޭނާއާ ގާތުން އެއްތާވި މީހުން ނުވަތަ ޑައިރެކްޓް ކޮންޓެކްޓުން ތެރޭގައިި ނުހިމެނޭ ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
މެދުހެންވޭރު ދާއިރާގެ މެންބަރު އާޒިމް ކޮވިޑަށް ފައްސިވީ އިއްޔެ ރޭގެ ވަގުތެއްގައެވެ.
އޭނާއާ އެއްތާވި އެއްވެސް ބަޔަކު ކަރަންޓީންކޮށްފައިވޭތޯ ސުވާލު ކުރުމުން މަޖިލިހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ އާޒިމް ފާއިތުވެދިޔަ ހަފްތާގައި މަޖިލިހަށް ވަޑައިގެންފައި ނުވާ ކަމަށެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން އާޒިމް ހުންނެވީ ގޭގައި ކަމަށް ވުމުން މަޖިލީހުގެ އެއްވެސް މެމްބަރަކާ އާޒިމް އާއި ބައްދަލު ނުވާކަން ޒިޔާއު ވަނީ ފާހަގަ ކުރައްވައިފައެވެ.
އާޒިމަކީ މިހާތަނަށް ރާއްޖެ އިން ކޮވިޑަށް ފައްސިވި ފުރަތަމަ މަޖިލީސް މެމްބަރު ކަމަށް ވީ ނަމަވެސް ބައެއް މެންބަރުން ކޮވިޑަށް ފައްސިވި މީހުންނާއި ގާތުން ބައްދަލުވުމުން ކަރަންޓީނުކޮށްފައިވެއެވެ.

