ވަޒީފާގެ މާހައުލަށް ނިކުންނަށް އަންހެނުންގެ ނިސްބަތް މަދުވެއްޖެ

ވަޒީފާގެ މާހައުލަށް ނިކުންނަށް އަންހެނުންގެ ނިސްބަތް މަދުވެއްޖެ

ވަޒީފާގެ ބާޒާރަށް ނިކުންނަށް އަންހެނުންގެ ޢަދަދު ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް އައިޝަތު މުޙައްމަދު ދީދީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެއްޖެއެވެ. ރާއްޖެގެ އަންހެނުންގެ ހާލަތު ބަޔާންކުރައްވާ ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ދޭން ޖެހުނު އެކި ހިދުމަތްތައް ދިނުމުގައި އަދި ފްރޮންޓްލައިންގައި ސާބިތު ކަމާއެކު އެންމެ ބޮޑަށް ހިއްސާ ކުރަނީ އަންހެނުން ކަމަށެވެ.

އެގޮތުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަދި އެޫނޫންވެސް މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޝާމިލްވި އަންހެނުން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑް-19އާއި ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކާއި އާމްދަނީއަށް ނުރަނގަޅު އަސަރު ކުރި ފަރާތްތަކަށް އެހީތެރިވުމަށް އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދިން އެހީ ލިބުނު އަންހެނުން ފިރިހެނުންނަށްވުރެ މަދުކަމަށެވެ. އެގޮތުން 20،760 މީހުންނަށް އެހީ ފޯރުކޮށްދިންއިރު އެއިން 7467 މީހުންނަކީ އަންހެނުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެތަފާސް ހިސާބަށް ބަލާއިރު އަންހެނުންގެ އަދަދު މަދުކަމާއި މިންތީގެ ތަފާތެއް ހުރިކަން އެނގޭކަމަށާއި، ވަޒީފާގެ ބާޒާރަށް ނުކުންނަ އަންހެނުން މަދުކަން އެނގޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވަޒީފާގެ ބާޒާރުގައި އަންހެނުން ޝާމިލްވާ މިންބަރު މަދުކަން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ “ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިިޗަރ ސާރވޭ 2019” ގެ ތަފާސް ހިސާބުތަކުން މިނިސްޓަރ ދެއްކެވިއެވެ. އެ ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ އަންހެނުންގެ ނިސްބަތަކީ %46 އެވެ. މިއީ ރާއްޖޭގެ އެވެރެޖު މިންވަރު ކަމުގައިވާ %60 އަށްވުރެ ދަށް އަދަދެއްކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އަންހެނުންނަށް މަސައްކަތްތެރިކަން ފޯރުކޮށްދީ އަންހެނުންނަށް ތަމްރީނު ފޯރުކޮށްދިނުމުގެ ޕްރޮގުރާމެއް ވޯލްޑް ބޭންކާ ގުޅިގެން ކުރިއަށް ގެންދަވަން ރާއްވަވާފައިވާ ކަމަށެވެ. އަދި މިނިސްޓަރ ވަނީ ފުރަބަންދުގެ ހާލަތުގައި ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ގެވެށި އަންޔާގެ މައްސަލަތައް އިތުވެގެން ދިޔަކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *