ކޮވިޑް 19 ވެކްސިންސް ގްލޯބަލް އެކްސެސް (ކޮވެކްސް) އިން ރާއްޖެއަށް 113،850 ޑޯޒްގެ ވެކްސިން ލިބޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ކޮވެކްސް ފެސިލިޓީން އިތުރު ވެކްސިން ރާއްޖެއަށް ލިބޭނެ ކަމަށާއި ކޮވެކްސް ފެސިލިޓީން ރާއްޖެއަށް ލިބެނީ ފައިޒާ އަދި އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޝީލްޑް ވެކްސިން ކަމަށެވެ.
"އެގޮތުން އަޅުގަނޑު ފާހަގަކޮށްލަން 108،000 ޑޯޒްގެ ކޮވިޝީލްޑްގެ ވެކްސިން އަޅުގަނޑުމެންނަށް ލިބިގެންދާނެ ކަމަށް އަދި 5،850 ޑޯޒްގެ ފައިޒާ އެބަ ހިމެނޭ" ނާސިރު ވިދާޅުވިއެވެ.
ކޮވެކްސް ފެސިލިޓީން އިއްޔެ ވަނީ 12,000 ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.
އެޗްއީއޯސީން މީގެ ކުރިން ބުނި ގޮތުގައި ކޮވެކްސް ފެސިލިޓީން ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ޖަހާ ވަރަށް ވެކްސިން ހިލޭ ދޭނެއެވެ. ކޮވެކްސްއަކީ ފަގީރު އަދި މުއްސަނދި ގައުމުތަކުގެ މެދުގައި ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު އުފެއްދި އިނީޝިއޭޓިވްއެކެވެ. މި އިނީޝިއޭޓިވް އުފައްދާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އާއި ކޯލިޝަން ފޯ އެޕިޑެމިކް ޕްރިޕެއާޑްނަސް އިނޮވޭޝަންސާއި ގްލޯބަލް އެލާޔަންސް ފޯ ވެކްސިން އެންޑް އިމިއުނައިޒޭޝަން އަދި ޔުނިސެފް ގުޅިގެންނެވެ.

