ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދު ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެސްއޯއީ ޕްރޮކިއުމެންޓް ޕޮލިސީއެއް ވަރަށް އަވަހަށް ނެރުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ކޮރަޕްޝަނަށް މަގުފައިވާގޮތަށް ހުރި ބައެއް މައްސަލަތަކާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ (ޕީސީބީ)ގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް މިއަދު ހާޒިރުވެ، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށާއި ނަމަވެސް މިހާރު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއް ހުރީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމެންޓް މައްސަލައިގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން، ޔުނިފޯމް ޕްރޮކިމެންޓް އުސޫލެއް 2019 ވަނަ އަހަރުން ފެށިގެން ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ކުރައްވަމުން ގެންދަވަނީ އޭޑީބީގެ ކޮންސަލްޓަންޓަކާއެކުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ، ޕްރޮކިއުމެންޓް ޕޮލިސީ މިހާރު ގާތްގަނޑަކަށް ފައިނަލް ވެފައިވާ ކަމަށާއި ދައުލަތުގެ ހުރިހާ ކުންފުނިތަކުގެ ޕްރޮކިއުމެންޓް ނިޒާމު ހިންގާނެ ގޮތްތައް އޭގައި ހިމެނޭނެ ކަމަށް، އަދި ކުރިއަށް އޮތް މަހެއް ދެ މަހެއްގެ ތެރޭގައި އެއަށް އަމަލުކުރަން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

