ދިވެހި ފަންނާނުންގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ހުއްދައިގެ ބޭރުން މަސައްކުރާ 60 ބިދޭސީއަކު ފުރުވާލުމަށް އިމިގްރޭޝަނުން އަންގައިފިއެވެ.
ދިވެހި ފަންނާނުންގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ބައެއް ފަރާތްތަކުން ބިދޭސީން ލައްވައި ގަވައިދާ ހިލާފަށް މަސައްކަތް ކުރުވަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން އިމިގްރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ތަފާތު އެކިއެކި ހުއްދައިގެ ދަށުން ރާއްޖެ އެތެރެ ވުމަށްފަހު، އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ބިދޭސީން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ އެ އިދާރާއަށް ލިބެމުން އަންނަ ކަމަށެވެ.
އިމިގްރޭޝަނުގެ ބަޔާނުގައިވާގޮތުން އެފަރާތަށް، އެންމެ ގިނައިން ޝަކުވާ ލިބެނީ ރިސޯޓުތަކުން ފޮޓޯގްރާފަރުންގެ ގޮތުގައާއި އަދި މިއުޒިކީ އެކިއެކި ހަރަކާތްތަކުގައި ބިދޭސީން ބޭނުން ކުރަމުންގެންދާ ކަމުގެ ޝަކުވާތައް ކަމަށެވެ.
"މި ޝަކުވާތަކާ ގުޅިގެން މިއިދާރާއިން އެ މައްސަލަތައް ބަލައި 60 ފަރާތެއް ރާއްޖެއިން ފުރުވާލުމަށް ވާނީ އަންގާފައެވެ. އަދި މި ދެންނެވި ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯޑަރު ހުޅުވާފައިވާ ގައުމުތަކަށް ނިސްބަތްވާ ބިދޭސީން މިހާރު ވަނީ ފުރާފައެވެ." އިމިގްރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އިމިގްރޭޝަނުން ބުނީ ހުއްދައިގެ ބޭރުން ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށާއި އަދި ދިވެހި ފަންނާނުންގެ ކުރިމަގަށް ނުރަނގަޅު އަސަރު ކުރާނެ ފަދަ އަމަލުތަކުން އެއްކިބާ ވުމަށާއި ގަވައިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ނުކުރުވުމަށް އިމިގްރޭޝަނުން އެދިފައިވެއެވެ.

