އިތުރު އެއް ލައްކަ ވެކްސިން ޑޯޒު ރާއްޖެއަށް ދިނުމަށް ޗައިނާއިން ނިންމައިފި

އިތުރު އެއް ލައްކަ ވެކްސިން ޑޯޒު ރާއްޖެއަށް ދިނުމަށް ޗައިނާއިން ނިންމައިފި

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިތުރު އެއް ލައްކަ ވެކްސިން ޑޯޒު ރާއްޖެއަށް ދިނުމަށް ނިންމައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޒޯންގްއާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖެއަށް އިތުރު އެއް ލައްކަ ޑޯޒު ހަދިޔާ ކުރުމަށް ނިންމާފައިވާކަން ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

އަދި ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރިއަށް ގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމަށް ޗައިނާ ސަރުކާރުން ދޭ އެހީތެރިކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ޗައިނާ ސަފީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ކޮޅަށް ޖެހުމަށް އެހީތެރިވުމުގެ ގޮތުން ޗައިނާ އިން ވެކްސިން ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އާ ބެޗުގެ އިތުރު އެއް ލައްކަ ޑޯޒު ރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޗައިނާ އިން އުފައްދާ ކޮވިޑު ވެކްސިނަކީ ސައިނޯފާމް އާއި ސައިނޯވެކް ވެކްސިނެވެ. ނަމަވެސް ޗައިނާ އިން ހަދިޔާ ކުރަނީ ކޮން ވެކްސިނެއް ކަމެއް އަދި އެގިފައި ނުވެއެވެ.

ރާއްޖޭގައި މިހާރު ޖަހަމުން ގެންދަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 200،000 ޑޯޒް އިންޑިއާ އިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *