ހަޑިހުތުރުބަސް ބޭނުންކުރި ކަމަށް އަދުރޭ އިންކާރުކޮށްފި

ހަޑިހުތުރުބަސް ބޭނުންކުރި ކަމަށް އަދުރޭ އިންކާރުކޮށްފި

އާންމު ތަނެއްގައި ހުރެ ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގައި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަށް އޭނާ މިއަދު އިންކާރުކުރައްވައިފި އެވެ.

އަދުރޭއަށް ދައުވާ ކޮށްފައިވަނީ ނޮވެމްބަރު 28، 2019 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލާން ހުކުމް ކުރި ދުވަހު ކްރިމިނަލް ކޯޓުގެ ބޭރުގައި އޮތް މުޒާހަރާގެ ތެރެއިން، އަޑުގަދަކުރާ ބޭނުންކުރައްވައިގެން ކްރިމިނަލް ކޯޓުގެ ގާޒީންނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ހަޑިހުތުރު ބަހެއް ބޭނުންކުރެއްވުމުނެވެ.

އަދުރޭގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 615ގެ (ހ)ގެ ތިން ވަނަ ނަމްބަރާ ހަވާލާދީ އެ މާއްދާގެ (ނ) އާއި (ށ)ގެ ދަށުން ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ އެވެ.

ދައުލަތުން ކުރަން ބޭނުންވި ސުވާލުތައް ކުރުމަށްފަހު އަބްދުއްރަހީމްގެ ފަރާތުން ބުނެފައި ވަނީ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.

އެ މައްސަލައިގައި ދައުލަތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ. ނަމަވެސް، ދިފާއުން ހުށަހަޅާ ހެއްކަކާ ގުޅިގެން ފަހުން ހުށަހެޅުމެއް ހުށަޅަން ބޭނުންނަމަ އެ ފުރުސަތު ދެއްވުމަށް އެދުނެވެ. އަބްދުއްރަހީމްގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް އެބަ ހުރި ކަމަށާއި ލިޔުމުން ހުށަހަޅަން ފުރުސަތު އެދޭ ކަމަށް އެދުމުން ،އަންނަ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ހުށަހަޅަން ގާޒީ ހަސަން ސައީދު ފުރުސަތު ދެއްވި އެވެ.

ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ކުށަކީ ގާނޫނުލްއުގޫބާތުގައިވާ ގޮތުން ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *