ދިވެހި ނެޝަނަލް އެކްޝަންގެ ނަމުގައި ގައުމީ ހަރަކާތެއް އިފްތިތާހްކޮށްފި

ދިވެހި ނެޝަނަލް އެކްޝަންގެ ނަމުގައި ގައުމީ ހަރަކާތެއް އިފްތިތާހްކޮށްފި

ރާއްޖެ އިސްލާހު ކުރުމަށް އިދިކޮޅުން ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)ގެ ނަމުގައި ގައުމީ ހަރާތެއް އިފްތިތާހުކޮށްފިއެވެ.

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިސްވެ ހުންނަވާ އުފައްދާފައިވާ އެ ހަރަކާތް އިފްތިތާހް ކޮށްފައިވާއިރު އެ ހަރަކާތް އިފްތިތާހް ކުރެއްވުމަށް މިރޭ ބޭއްވުނުް ޖަލްސާގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ ބައެއް ބޭފުޅުން މިޖަލްސާގައި ބައިވެރިވެއެވެ. އެގޮތުން ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ހިމެނިވަޑައިގަންނަވައެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ، ޑީއެންއޭއަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އުފެއްދި ހަރަކާތެއް ނޫން ކަމަށާއި އަދި އެއީ ސިޔާސީ މަންފާއެއް ހޯދުމަށް އުފެއްދި ހަރަކާތެއް ވެސް ނޫން ކަމަށެވެ.

"މިއީ ކޮރަޕްޓް ޕޮލިޓީޝަނުން އަތުން ގައުމު އަތުލައި ގައުމު އަމިއްލަ ފައިމައްޗަށް ނެގުމަށް އުފެއްދި ހަރަކާތެއް،" ކަމަށް އުމަރު ވިދާޅުވިއެވެ.

އަދި މިޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވަނީ ރާއްޖޭގައި މިހާރު މިއޮތް ހާރިޖީ ސިޔާސަތާ މެދު ލަދުގަންނަން ޖެހޭ ކަމަށާއި ރާއްޖެއަކީ އަބަދު އެހީ ހޯދަން ބޭނުންވެފައިވާ، ސަލާން ޖަހާ ގައުމަކަށް ބަދަލުވެފައިވާ ކަމަށް ވިދާޅުވެ، ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

"ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ބަލާއިރު އަޅުގަނޑުމެން ލަދުގަންނަން ޖެހޭ. އެތައް ހާސް އަހަރެއްގެ އަމިއްލަ މިނިވަން ގައުމެއްގެ ގޮތުގައި، ފަހުރުވެރި ތާރީހެއް އޮތް، ރާއްޖެ މިއަދު މިވަނީ އަޅުވެތިވެފައި. 1965 ވަނަ އަހަރު ރާއްޖެ ހޯދި މިނިވަންކަމެއް މިހާރު މިގައުމުގައި ނެތް. އެ އަހަރުގެ ޖުލައި 26 ގައި ރާއްޖެ ކުރި މިނިވަންކަމުގެ މުއާހަދާގެ މަތިން މިއަދު ސަރުކާރު ވަނީ ހަނދާން ނެތިފައި،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ އިތުރަށް ވިދާޅުވީ އެދުމެއް ނެތި ވެދުމެއް ނުކުރާނޭ ކާބަފައިން ބުނެ އުޅޭ ފަދައިން، އެއްޗެއް ދޭ ފަރާތެއްގެ ވެސް ވަރަށް ގިނަ އެދުންތަކެއް ހުންނާނެ ކަމަށެވެ.

"ކާބަފައިން ބުނެ އުޅޭ އެދުމެއް ނެތި ވެދުމެއް ނުކުރާނޭ. މިއީ ފުންކޮށް ވިސްނާލަން ޖެހޭ ކަމެއް. އެއްޗެއް ދޭ މީހާގެ ވެސް ވަރަށް ގިނަ އަމިއްލަ އެދުންތަކެއް އޮންނާނެކަން ގަބޫލުކުރަން ޖެހޭ. އިނގިރޭސިން ބުނަނީނަމަ، 'ދެއާ އިޒް ނޯ ފްރީ ލަންޗް'. އެހީއޭ ކިޔާފައި އެތައް ލޯނު ނަގަމުންދާ ގައުމަކަށް ރާއްޖެ ވެއްޖެ. ވަކި ގައުމަކުން ލޯނު ނެގީމަ އެއަށް ކިޔަނީ ދަރަނީގެ ދަންތުރައޭ،" ދުންޔާ ވިދާޅުވި އެވެ.

އަދި އެއްވެސް ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައު ތިބެގެން ނުވާނެ ކަމަށާއި މިސަރަހައްދާއި ދުނިޔޭގެ އެހެން ގައުމުތަގުގެ މެދުގައި ހިގަމުންދާ ވާދަވެރިކަމެއްގެ ތެރޭގައި ރާއްޖެ ރާށިވެގެން ނުވާނެ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިސްވެ ހުންނަވާ މިރޭ އިފްތިތާހު ކުރި އިސްލާހީ ހަރަކާތުގައި ބައިވެރިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން، ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ސަލީމް، އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހްމަދު ފަޔާޒު ހަސަން، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ، އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން، ރައީސް އޮފީހުގެ ކުރީގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދުގެ އިތުރުން ކުރީގެ ޕްރޮސިކިއުޓާ ޖެނެރަސް އަހްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *