ފިލުމުގެ ދައުވާއަށް އިއުތިރާފުވެ، އެންމެ ލުއި އަދަބު ދޭން ލުތުފީ އެދިއްޖެ

ފިލުމުގެ ދައުވާއަށް އިއުތިރާފުވެ، އެންމެ ލުއި އަދަބު ދޭން ލުތުފީ އެދިއްޖެ

ނޮވެމްބަރު ތިނެއްގައި އެތަކެއް ދިވެހިންނެއް މަރާލި އުދުވާނީ ހަމަލާއާ ގުޅިގެން ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭސްފަރުވާއަށް ފޮނުވުމުން ފިލި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ދައުވާއަށް އޭނާ އިއުތިރާފުވެއްޖެ އެވެ.

ހޯމް މިނިސްޓްރީއިން އެއް އަހަރު ދުވަހަށް އޭނާއަށް ވަގުތީ ޓްވެވަލް ޑޮކިއުމެންޓްގެ ދަށުން އަމިއްލަ ހަރަދުގައި ބޭސްފަރުވާ ކުރުމަށް ހުއްދަ ދިނުމުން 16 ޖެނުއަރީ 2010 ވަނަ ދުވަހު އިންޑިއާއަށް ދިޔުމަށް ފަހު 1 މެއި 2019 ވަނަ ދުވަހާ ހަމައަށް ލުތުފީ އުޅުނީ ފިލައިގެންނެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައި ވަނީ މީހުން ބަންދު ކުރާ މަރުކަޒަކުން ފިލުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އެ މައްސަލައިގެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވަމުން ލުތުފީ ބުނެފައި ވަނީ ރާއްޖެއިން ބޭރަށް ފުރީ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ކަމަށް ވުމުން، އޭނާ ހަގީގަތުގައި މީހުން ބަންދު ކުރާ މަރުކަޒަކުން ފިލީ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ނަމަވެސް، އަވަހަށް މައްސަލަ ނިންމައި ހުކުމް ތަންފީޒުކޮށް ނިންމަން ބޭނުންވާތީ، ދައުލަތުގެ ދައުވާގައިވާ ކަންތައްތަކަށް އިއުތިރާފުވާން ބޭނުންވާ ކަމަށް އޭނާ މިއަދު ބުނެފައިވެ އެވެ. އަދި ދެވެން އޮތް އެންމެ ކުޑަ އަދަބެއް ދިނުމަށް އޭނާ އެދިފައިވެއެވެ.

ލުތުފީގެ އިއުތިރާފު ބަލައިގަނެ މައްސަލަ އަވަސް ނިޔާއިން ނިންމައި ހުކުމް ކުރަން ފަސް ދުވަހުގެ ތެރޭގައި އަޑުއެހުމެއް ބާއްވާނެ ކަމަށް މައްސަލަ ބެއްލެވި ގާޒީ އިއުލާނު ކުރެއްވި އެވެ. އެ އަޑުއެހުން ބާއްވާނީ ގާޒީގެ ކުރިމައްޗަށް ލުތުފީ ހާޒިރުކޮށްގެންނެވެ.

ތަމަޅައިންގެ ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ތިނެއް ނޮވެމްބަރުގައި ލުތުފީ އިސްވެހުރެ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ. އަދި އެތައް ބަޔަކަށް ބޮޑެތި ޒަހަމުތައްވެ އަނިޔާވި އެވެ.

އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ، އެންމެ ފުރަތަމަ ހުކުމް ކުރީ އޭނާ މެރުމަށެވެ. ނަމަވެސް ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ އަދަބު ލުއިކޮށްދެއްވައި 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދެއްވައިފަ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *