"ކޮވިޑް-19 ދިފާޢު" ކެމްޕޭނުގައި އެހީތެރިވުމަށް ބަންގްލަދޭޝްގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ

"ކޮވިޑް-19 ދިފާޢު" ކެމްޕޭނުގައި އެހީތެރިވުމަށް ބަންގްލަދޭޝްގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގެންނެވުމަކަށް، ބަންގްލަދޭޝް އެއަރ ފޯސްގެ ޞިއްޚީ ޚިދުމަތްތެރިންގެ ޓީމެއް، "ކޮވިޑް-19 ދިފާޢު" ކެމްޕޭންގައި ބައިވެރިވުމަށް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

ނަރުހުންނާއި، މެޑިކަލް އެސިސްޓެންޓުންނާއި އެނެސްތީސިއޮލޮޖިއްޓެއް ބައިވެރިވާ ގޮތަށް 23 މީހުން ހިމެނޭ މިޓީމް މިއަދުގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން މި ކެމްޕޭނަށް އެހީތެރިކަން ހޯދުމަށް، ބަންގްލަދޭޝް ސަރުކާރަށް ދަޢުވަތު އަރުވާފައި ވަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ދާދި ފަހުން އެ ޤައުމަށް ކުރެއްވި ދަތުރުފުޅުގައެވެ. ހުސްވި ފެބްރުއަރީ މަހުގެ 10 އިން 11 އަށް މިނިސްޓަރ ޝާހިދު ޑާކާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ޤައުމުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާ، މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަމަށްވެސް ރައީސް އޮފީހުން އިތުށް ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތު ޤަބޫލުކޮށް، ބަންގްލަދޭޝް ސަރުކާރުން މިއަދު ރާއްޖެއަށް ފޮނުވާ ޞިއްޙީ ޚިދުމަތްތެރިންގެ އެ ޓީމުން، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމުތަކާއެކު، މާލެ ސިޓީގެ އިތުރުން އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގައި ކުރިއަށް އޮތް ދެ މަސްދުވަހު ހަރަކާތްތެރިވާނެއެވެ. އަދި މި ޓީމުގެ އެހީތެރިކަމާއެކު، ބަންގްލަދޭޝް މަސައްކަތްތެރިންނަށް ވެކްސިން ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމުގެ ކެމްޕޭނުގެ ދަށުން، މާރިޗު 2 ވަނަ ދުވަހުގެ ނިޔަލަށް 123،665 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދީފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *