ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ނުފުއްދި ލަސްވެގެން އުޅޭކަށް އަދި ނުޖެހޭ ކަމަށާއި، ދައުރުގެ ބާކީ އަދި ވަރަށް ދުވަސް އެބައޮތް ކަމުގައި ދައުލަތުގެ ބަންޑާރަ ނައިބް އިބްރާހިމް ރިފްޢަތު ވިދާޅުވެއްޖެއެވެ.
ވަޒީރުންގެ މަޖިލީހުގެ ވުޒާރާތައް ޕާޓީތަކަށް ވަކިއިންސައްތައެއް ކަނޑައަޅުއްވައިގެން ސްލޮޓްތަކެއް ހަމަޖައްސައިގެން ގެންދާކަމަށްބުނެ ހުށައަޅާފައިވާމައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން އެޓާރނީ ޖެނެރަލްއާއި އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދައުލަތުގެ ބަންޑާރަ ނައިބް އިބްރާހިމް ރިފްޢަތު ވިދާޅުވީ ޖޭއެސްސީ ބަދަލު ކުރުމަށް ވެފައިވާ ވަޢުދު ކަމުގައިވިޔަސް އަދި އެނޫން ވަޢުދެއް ކަމަށްވިޔަސް ނުފުއްދިގެން އަދި ލަސްވެގެން އުޅެން ނުޖެހޭކަމަށެވެ.
މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިގު ޖޭއެސްސީގެ ކޮންޕޮޒިޝަން ބަދަލު ކުރަންޖެހޭތޯ ކުރެއްވި ސުވާލުގެ ޖަވާބުގައި އޭޖީ ވިދާޅުވީ ޖޭއެސްސީގެ ކޮންޕޮޒިޝަން ބަދަލު ކުރަންޖެހޭ ކަމަށް ޤަބޫލު ކުރައްވާކަމަށެވެ.
ޖޭއެސްސީއަށް ބަދަލު ނެގެނެވި ލަސްވާތީ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރާއިރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮންޕޮޒިޝަން ބަދަލު ކުރަން ރައްޔިތުން ބޭނުން ނުވާ ކަމަށާއި ރައްޔިތުން އެމްޑީޕީ އަށް އިތުބާރު ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ އިންސާފު ވެރި ފަނޑިޔާރުގެ އެއް ގާއިމް ކުރަން ކަމަށާއި އެކަން ނުކުރެވެނީސް ކަންކަމުން އަތްދޫކޮށްލާނީ ކަނޑުކޮސް ބައެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައިވެއެވެ.

