އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މާލޭގައި ހުރި ވިޔަފާރި ކުރާ ތަންތަން ޢަމަލު ކުރޭތޯ ބަލަން އަނެއްކާ ވެސް އިންސްޕެކްޝަނެއް ފަށައިފި އެވެ. ހެލްތު އެމަޖެންޖީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނީ މި އިންސްޕެކްޝަން އުސޫލާ ޚިލާފުވާ ފުރަތަމަ ފަހަރު ވައިޓް ނޯޓިހެއް ދެވަނަ ފަހަރު ރެޑް ނޯޓިހެއް އަދި ތިން ވަނަ ފަހަރު ޖޫރިމަނާ ކުރާނެ ކަމަށެވެ.
އެގޮތުން ރެޑް ނޯޓިހުގައި ބުނެފައިވާ ކަންކަން ރަނގަޅު ނުކުރާނަމަ 5،000 ރ. އިން ޖޫރިމަނާ ކުރާނެ ކަމަށާއި ދެ ވަނަ ފަހަރު 25،000 ރުފިޔާ އިން، ތިން ވަނަ ފަހަރު 50،000 ރުފިޔާ ހަތަރު ވަނަ ފަހަރު 75،000 ރުފިޔާ އަދި ފަސް ވަނަ ފަހަރު 100،000 ރ. އިން ޖޫރިމަނާ ކުރާނެ ކަމަށެވެ.
އިންސްޕެކްޝަން މިހާރު ފަށައިފައިވާއިރު މިހާތަނަށް 500 އަށްވުރެ ގިނަ ތަންތަން އިންސްޕެކްޓްކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނޭ ގިނަ ފިހާރަތަކުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މީހުން ވަންނާނެ ވަކި މިންވަރެއް ކަނޑައަޅައި ފެންނަ ގޮތަށް ބަހައްޓާފައިވާ ކަމަށް ފާހަގަވި ކަމަށް ވެސް އެޗްއީއޯސީ ބުންޏެވެ.
އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރާ ވިޔަފާރިތަކަށް ހާއްސަ ސްޓިކާއެއް ދޭއިރު މިހާތަނަށް 243 ތަނަކަށް ސްޓިކާ ދީފައި ވެއެވެ.

