މިއަހަރަށް ރައްިޔތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މި ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރެއްގެ ގޮތުގައި އިންނަވާ ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމު މިއަދު ޖަވާބު ދެއްވައިފިއެވެ.
ސަލީމު ގެ ޖަވާބުގައި ރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދަނީ އިދިކޮޅު ސިޔާސީ ލިޑަރު ނުހައްގުން ޖަލުގާ ބަންދުކޮށްގެން ކަމަށާއި އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށް ލައިގެން ވެރިކަން ކުރުމަކީ ޚުދުމުޚުތާރުކަމާ އަނިޔާވެރިކަމުގެ ސިފައެއް ކަމަށް ވިދާޅުވިއެވެ. އަދި އެއީ ޑިމޮކްރަސީއާ ބީރައްޓެހި އަދި ސަރުކާރުގެ އަނިޔާވެރިކަން ހާމަވާކަމެއްކަމުން އިދިކޮޅު ސިޔާސީ ލީޑަރު ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް އޭނާ ގޮވާލެއްވި އެވެ.
ވޭތުވެދިޔަ އަހަރު ރާއްޖެ ހިންގާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަމަށާއި ރައްޔިތުން ހޮވިކަމަށް ބުނާ ވެރިއަކު މާލިމީއަކަށް ހުރެގެން ވެރިކަމުގެ ނައު ދަތުރުކުރިކަމުގެ އިހުސާސެއް ރައްޔިތުންނަކަށް ނުކުރެވޭ ކަމަށާއި ބަދަލު ހިފުމުގެ ރޫހު އިސްކޮށްގެން މަލްޓިޕާޓީ ޑިމޮކްރަސީގެ ނަމުގާ ރާއްޖޭގާ މިހާރު ކުރަމުން މިދަނީ ޚުދުމުޚުތާރު އާއިލީ ވެރިކަމެއް ކަމަށް ވެސް ސަލީމު ވިދާޅުވި އެވެ.
ސަލީމު އިތުރަށް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ މިސްރާބު ހުރީ އާރާސްތުކަމެއް ނެތް ބަނަ ދުނިޔެއަކަށް ކަމަށާއި ޤައުމުގެ މިސްރާބު ބަދަލުކޮށް ރާއްޖެ އަލުން ދިވެހިންނަށް ހޯދައިދިނުމަށްޓަކައި ދިވެހި ރައްޔިތުންގެ ހައްޤުގައި ދިވެހި ރައްޔިތުންނާއެކުގާ މަސައްކަތްކުރާ ބައެއްގެގޮތުގާ ވާދަވެރި އިދިކޮޅުން އަބަދުވެސް ތިބޭނެ ކަމަށެވެ.

