ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރައްވި ޙަސަން މޫސާ ގެ ކެންޑިޑޭޓްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާޠިލް ކުރީ ޤާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ކަމަށް ބުނެ، ޙަސަން މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ބާޠިލްކޮށް އެ ގޮނޑިއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ހޮވުނު ކަމަށް އޮތީ އިއުލާންވެސް ކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ ޙަސަން މޫސާގެ ކެންޑިޑެސީ ބާތިލްކުރީ އޭނާގެ ކެންޑިޑެސީ ބަލައިގަތް ކަން އެންގުމަށް ފަހު ކަމަށްވާ އިރު އިންތިޚާބަށް ކުރިމަތިލާތާ 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް އިންތިޚާބުތަކާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެ މުއްދަތު ހަމަވުމަށް ފަހު މީހެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް އަމިއްލައަށް ބާތިލް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މީހެއްގެ ކެންޑިޑެސީ ބަލައިގަތުމަށް ފަހު އެ ކޮމިޝަނަށް ފަހުން ލިބޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް މީހެއްގެ ކެންޑިޑެސީ ބާތިލް ކުރެވޭނީ ސުޕްރީމް ކޯޓުގެ ނިންމުމަކުން ކަމަށާއި ޙަސަން މޫސާ ގެ ކެންޑިޑެސީ ބާތިލްކޮށް އިލެކްޝަންސް ކޮމިޝަނުން އޭނާއަށް އެންގީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންކަމުން އެ ނިންމުން ބާތިލްކުރާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

