މިސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ ވައުދު ތަންފީޒު ކުރުމުގައި ފާއިތިވެދިޔަ ދެއަހަރުގެ ތެރޭގައި އެއްވެސް ކަމެއް ކުރެވިފައިނުވާތީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި މިއަދު ލިޔުއްވި މެސެޖްގައި ރައީސް ނަޝީދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައފިއެވެ.
ބޯހިޔާވަހިކަމުގެ ވައުދު ތަންފީޒުނުވެ އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ވެރިކަމަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެގެންދާއިރު ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢުއެއް ނުފެއްޓި ވެފައިވާ ވައުދެއް ތަންފީޒު ނުވާކަމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.
ބޯހިޔާވަހިކަމުގެ ވައުދު ތަންފީޒު ކުރުމަށް މިހާތަނަށް މިނިސްޓަރ އަސްލަމަށް ސޮއިކުރެވުނީ އެންމެ އެއްބަސްވުމެއް ކަމަށާއި އެއީވެސް އިންޑިއާގެ އެސްއޯއީއަކާ އެކީގަ ކަމަށާއި އަދިއެއްވެސް މަޝްރޫޢެއް އަސްލަމަށް ފެއްޓިފައި ނުވާކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ ކަންތައް މިހެން ދޫކޮށްލައިގެން އެމަނިކްފާނަށް ހުރެވެން ނެތްކަމަށާއި ވަޒީރަކަށް ހުންނަވައިގެން އަސްލަމް ކުރައްވާ މަސައްކަތެއް އަދި ނެރުއްވި ނަތީޖާއެއް ނުފެންނަކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައިވެއެވެ. އަދި ހައުސިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއަށްވެސް ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށްބުނެ ދެ ވަޒީރުންނަށްވެސް ފާޑުވިދާޅުވެފައިވެއެވެ.
ބޯހިޔާވަހިކަމަށް މިސަރުކާރުން ގިނަ ވައުދުތަކެއް ވެފައިވާއިރު ޚާއްސަކޮށް މާލޭ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ތަންފީޒު ނުވާތީ މާލޭގެ ގިނަ ރައްޔިތުންގެ ނުރުހުންވެސް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

