”ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު“ ގެ ނަމުގައި ޤައުމީ ފެންވަރުގެ އިނާމެއް ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް މިއަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން ދެއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ދައުލަތަށް ވަރަށްދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ގިނަ އަދަދެއްގެ ބޭފުޅުން ތިއްބެވުމާއެކު އެބޭފުޅުންގެ ޚިދުމަތްތަކަކީވެސް ޤައުމީ ފެންވަރެއްގައި ބަލައިގަނެ ފާހަގަކުރަންޖެހޭނެ ޚިދުމަތްތަކެއްކަން މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މި އިނާމުގެ ތަފްޞީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކަނޑައެޅޭ މިންގަނޑުތަކެއްގެ މަތިން ބަލައި އެ މިންގަނޑުތަކުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު، ދައުލަތަށް 35 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް މި އަހަރުން ފެށިގެން ޝަރަފުވެރިކަމުގެ ޤައުމީ އިނާމެކޭ އެއްފެންވަރެއްގައި އިނާމެއް އެރުވުމަށް ނިންމެވީ ކަމުގައި ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެކަމާބެހޭ މަސައްކަތް ޤައުމީ އިނާމާބެހޭ ކޮމިޓީއާ މިހާރު ހަވާލުކުރައްވާފައިވާ ކަމަށާއި އިނާމު ދެއްވުމުގެ އުޞޫލު އެކޮމިޓީން ކަނޑައެޅުއްވުމުން އެ އުޞޫލަށް މިނިސްޓްރީތަކާއި އެހެން މުއައްސަސާތަކުގެ ޚިޔާލުފުޅު ހޯއްދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

