ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ މާލޭގައި މިއުޒިކް ކުޅެ އަޑު އަހައި މަޖާ ކުރާނެ ތަނެއް ހަދަން ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރަށް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން މަޖިލީހުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ޢިލްމުވެރިންގެ ފަރާތުން މަޖިލީހަށް ސިޓީއެއް ފޮނުވައިފިއެވެ.
ޢިލްމުވެރިންގެ ފަރާތުން ޑރ. މުހައްމަދު އިޔާޒާއި ޝެއިހް އަލީ ޒާހިރާއި ޝެއިހް އަބްދުﷲ މުހައްމަދާއި ޝެއިހް ނިމާލް މުހައްމަދުގެ އިތުރުން ޝެއިހް އިބްރާހިމް ފަރީދު ސޮއި ކުރެއްވުމަށް ފަހު މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ މުސްލިމް އުއްމަތެއްގެ ކަންކަން ހިންގާނެ ގޮތްތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތާއި ހަވާލު ވެގެން ތިބޭ މީހުން ވާން ޖެހޭނީ އިސްލާމީ އުސޫލުތައް ދެމެހެއްޓުމުގެ ޒިންމާއާއި ވެސް ހަވާލުވެގެން ތިބޭ މީހުންނަށާއި އެހެންކަމުން އެ ޒިންމާ އަދާކުރުމުގެ އެންމެ އިސްސަފުގައި ތިބެން ޖެހޭނީ މަޖިލިސް މެމްބަރުން ކަމަށެވެ.
މަޖްލިސް އަށް ފޮނުއްވި ސިޓީގައި، އިސްލާމީ އުސޫލުތަކާއި މުޖުތަމުގައި އަޚްލާގިއްޔަތު ފުނޑުފުނޑުވެ ޒުވާނުންނަކީ ހަރުދަނާ ވިސްނުމެއްނެތި މުނިފޫހިފިލުމުގެ ނަމުގައި މަޖަލުގެ ތެރޭގައި ޚިޔާލެއް ފިކުރެއް ނެތި ވިއްސިވިހާލި ވެގެންދާ ކުނިބުނިތަކެއް ފަދަ ބައެއް ކަމުގައި ވެގެންދިޔުމަކީ ގައުމަށް ހެވެއް އެދޭ އެއްވެސް ފަރާތަކުން ބޭނުންވާނެ ކަމެއް ނޫން ކަމަށް ބަޔާން ކޮށްފައި ވެއެވެ.
އެސިޓީގައި ވާ ގޮތުގައި ޒުވާނުންނަކީ ގައުމުގެ ކުރިމަގަށް ވާއިރު އެކަން ބޮއްސުންލައިގެން ގޮސްފިނަމަ ގައުމު ހަލާކު ވެގެން ދާނެ ކަމަށް ހަމަބުއްދި ހުރި ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށާއި އިސްލާމް ދީނުގެ ބޭރުން މުނިފޫހިފިލުވުމުގެ ނަމުގައި ގައުމުގައި ފާހިޝް ކަންކަން ފެތުރި ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ފުރުސަތު ލިބޭ ގޮތަށް މެމްބަރުން ދެއްކެވި ވާހަކައަކީ ކުރި ކުށެއް ކަމަށް ވެސް އެސިޓީ ގައި ފާހަގަ ކޮށްފައިވެއެވެ.

