ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ދިނުން ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބުދާރީ ވާއިރު ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެމްބަރުން މަޑުމައިތިރި ކަމާއި އެކު ތިބުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ ޖަވާބަށް ވަގުތުން ރައްދު ނުދެއްވުމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވާގޮތުން ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިއްބެވި ޕާޓީތަކުގެ ފަރާތުން އެ ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި އިއްވަންވާނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ.

