އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވަމުންދާ އެއްވުންތަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފައި ވަނިކޮށް އަންނަ ހުކުރު ދުވަހުވެސް މުޒާހަރާ ކުރާނެ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ކޯލިޝަންގެ ހަރަކާތްތައް އިންތިޒާމުކުރާ ކޮމެޓީގެ ޗެއާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ފުލުހުންގެ އިންޒާރަށް ބަލައި ފަހަތަށް ނުޖެހޭނެ ކަމަށާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށްވާއިރު އެ މަސައްކަތަށް އެއްވެސް މުއައްސަސާއަކުން ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ.
އެއްގޮތަކަށް ވެސް އެޗްޕީއޭގެ ގާނޫނަކުން ރައްޔިތުންނަށް އޮތް އަސާސީ ހައްގުތައް ހަނިކޮށްފައެއް ނުވާތީ އަންނަ ހުކުރު ދުވަހު ވެސް މުޒާހަރާ އޮންނާނެ ކަމަށާއި ވީހާވެސް ގިނަ ބަޔަކު މުޒާހަރާގައި ބައިވެރިވުމަށް އެދޭކަމަށް މުހައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

