އިންޑިއާއިން އުތުރުތިލަފަޅުގައި ތަރައްގީކޮށްދޭ ކޯސްޓްގާޑުގެ ބަނދަރުގައި އެގައުމުގެ ސިފައިންގެ އެއްވެސް މީހަކު ނުތިބޭނެކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ. ބަނދަރާއި ޑޮކްޔާޑު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް ޢަބްދުއްރަޙީމް ޢަބްދުލްލަޠީފް ވިދާޅުވީ އެ މަސައްކަތުގައި އިންޑިއާގެ ޓެކްނިކަލް މީހުން ހަރަކާތްތެރިވިނަމަވެސް އެއީ އަސްކަރީ މަރުކަޒެއް ނޫން ކަމަށާއި އެހެންކަމުން އެތަނުގައި އަސްކަރީ ބަޔަކު ނުތިބޭނެ ކަމަށެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގައި ތަރައްގީކުރާނީ ޒަމާނީ ނޭވަލް ބަދަރެކެވެ. އެ މަޝްރޫއު ބަހާލާފައި ވަނީ ދެ މަރުހަލާ އަކަށް ކަމަށާއި ފުރަތަމަ ތިން އަހަރުގެ ތެރޭގައި ތަން ތަރައްގީކޮށް ނިންމައި ބަނދަރާއި ޑޮކްޔާޑު ހުޅުވުމާއި އެއަށް ފަހު ޓެކްނިކަލް ސަޕޯޓު ބޭނުންވެއްޖެ ނަމަ ބޭނުންވާ މިންވަރަކަށް ބޭނުންވާ ވަގުތެއްގައި ސަޕޯޓް ލިބޭނެ ކަމަށްވެއެވެ.

