އުމުރުން 30 އަހަރުން މަތީގެ އެންމެންނަށް ކޮވިޑު ވެކްސިން ޖެހުމުގެ ފުރުސަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ހުޅުވާލައިފި އެވެ. އެޗްޕީއޭ އިން މިއަދު ބުނީ މިވަގުތުން ފެށިގެން 30 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ހައިރިސްކް ކެޓަގަރީތަކުގެ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ވެކްސިން ޖެހުމަށް my.health.mv ގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ރަޖިސްޓަރީކުރުމުގެ އެހީތެރިކަން ވެކްސިން ސެންޓަރުތަކުން ދެމުންދާނެ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ޕޯޓަލްގައި ރަޖިސްޓަރީކުރުމަށް އެދޭ ކަމަށެވެ.
ރާއްޖޭގައި ކޮވިޑު ވެކްސިން ޖަހަން މިމަހުގެ އެކަކުން ފެށިގެން ފަށާފައިވާ އިރު ރާއްޖޭގައި ޖަހަމުން ދަނީ އޮކްސްފޯޑާއި އެކްސްޓްރާޒެނެކާ ގުޅިގެން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދައި ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން އެވެ.

