ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ރައްކާތެރިިކަމުގެ ފިޔަވަޅުތަކާއި ޚިލާފަށް އިދިކޮޅު ފަރާތްތަކުން ބާއްވަމުންދާ އެއްވުންތަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ޕޮލިސް ސާވިސްއިން ދީފި އެވެ.
މިރޭ ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ފުލުހުން ބުނީ ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު އެ ފިޔަވަޅުތަކާއި ދެކޮޅަށް އެއްވުންތަކާއި ހިނގާލުންތައް ބާއްވަމުންދާ ކަމަށާއި އެފަދަ ކަންކަން ކުރާނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށެވެ.
އެގޮތުން އެއްވުމެއް ބާއްވާނަމަ ވަގުތުން އެ އެއްވުމެއް ރޫޅާލާނެ ކަމަށާ ބާރުގެ ބޭނުން ކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ކުރަނީ ގާނޫނު ހިންގުމާއި ދައުލަތް ހިންގުމަށް ހުރަސް އެޅުމެއް ކަމަށާ އެހެން ކަމުން ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަސް ނުޖެހޭނެ ކަމަށެވެ.

