ހިޔާ މަޝްރޫޢުގެ ތިން ކެޓަގަރީއެއް އުވާލައި ފޯމުތައް ބާތިލުކޮށްފި!

ހިޔާ މަޝްރޫޢުގެ ތިން ކެޓަގަރީއެއް އުވާލައި ފޯމުތައް ބާތިލުކޮށްފި!

ހިޔާ މަޝްރޫއުގެ 1 ކޮޓަރީގެ ތިން ކެޓަގަރީއެއް އުވާލައި އެ ކެޓަގަރީތަކަށް ހުށަހަޅާފައިވާ ފޯމުތައް ބާތިލުކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ. ހައުސިން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނީ ފްލެޓް ނުދިނުމަށް ކަނޑައަޅާފައިވަނީ އެއް ކޮޓަރީގެ ފްލެޓް ކެޓަގަރީތަކުން ކަމަށެވެ. އެއީ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ އެއް ކޮޓަރީގެ އެޕާޓްމަންޓް އާއި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަ އެއް ކޮޓަރީގެ އެޕާޓްމަންޓް އަދި އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ އެއްކޮޓަރީގެ އެޕާޓްމަންޓް ކަމަށެވެ.

އިއުލާނުގައި ބުނީ 2018 ވަނަ އަހަރު "ހިޔާ" މަޝްރޫއަށް އިއުލާނުކުރި އިރު، އެ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން އެއް ކޮޓަރީގެ ކެޓަގަރީތަކަށް (H11 އިން H15 އަށް) ފްލެޓް ދޫކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ފޭސް ދޭއްގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އެއް ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށްފަހުގައި ކަމަށެވެ.

އެގޮތުން ހައުސިން މިނިސްޓްރީން ވަނީ ސަރުކާރުން ގަތުމަށް ލިބެން ހުރި ފްލެޓްތަކާ ބެހޭ މައުލޫމާތު، ހުޅުމާލެ ފޭސް ދޭއްގައި ޓަވަރުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިތަކުން ހޯދާފައި ކަމަށާއި މިނިސްޓްރީއަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ސަރުކާރުން ގަތުމަށް ލިބެންހުރީ ހަމައެކަނި އެމްޑަބްލިޔުއެސްސީން ސަރުކާރަށް އެލޮކޭޓްކޮށްފައިވާ 36 ފްލެޓްކަމުގައި ވެސް އިއުލާނުގައި ބުންޏެވެ.

އެހެންކަމުން މިހާރު ސަރުކާރަށް ގަތުމަށް ލިބެންހުރި 36 ފްލެޓް، "ހިޔާ" މަޝްރޫއުގެ H14 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ އެއް ކޮޓަރި) ކެޓަގަރީއަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެލޮކޭޓްކުރުމަށްފަހު، ބާކީވާ ފްލެޓްތައް، "ހިޔާ" މަޝްރޫއުގެ H12 (މާލޭ ރަށްވެހިންނަށް ހާއްސަ އެއް ކޮޓަރި) ކެޓަގަރީއަށް އެލޮކޭޓްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ އިއުލާނުގައި ބުނީ، ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފްލެޓް ގަންނަން ލިބެން ނެތުމުގެ ސަބަބުން އެ ކެޓަގަރީތަކަށް ހުށަހަޅާފައިވާ ފޯމުތައް ބާތިލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *