ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނަށް އަންނަ ހަފުތާގައި އިދިކޮޅު ފަރާތްތަކުން ޖަވާބު ދޭނެ ކަމަށް އިދިކޮޅު ޕްރޮގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްިޔތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މި ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް ވަނީ ރިޔާސީ ބަޔާން އިއްވަވައިފައެވެ
ކޮންމެ އަހަރަކު ރައްިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވެވުމުން، އެވަގުތު މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީގެ ލީޑަރު އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ އެމްޑީޕީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން މަޖިލީހުގައި ތިއްބަވަނީ އިދިކޮޅު ޕީޕީއެމް ގައެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރެއްގެ ގޮތުގައި އިންނަވަނީ ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. އަންނަ ހަފުތާގައި މެންބަރު ސަލީމު ރައީސްގެ ރިޔާސީ ބަޔާނަށް ދޭ ޖަވާބު މަޖިލީހުގައި އިއްވަވާނެ ކަމަށް ވިދާޅުވެ މެންބަަރު ޝަރީފު މިއަދު ކުރެއްވި ޓުވީޓް ކުރައްވަވާފައި ވެއެވެ.

