ޓެރަރިޒަމްގެ ހަމަލާ ދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދަށް!

ޓެރަރިޒަމްގެ ހަމަލާ ދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދަށް!

ޓެރަރިޒަމް ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުގައި ތ. ތިމަރަފުށިން ހައްޔަރު ކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދުގައި ބެއިތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އެ މީހުންނާ ދެކޮޅަށް މިހާތަނަށް ހުށައަޅާފައިވާ ހެއްކިތަކަށް ބެލުމުން އެ މީހުން ދުކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ގަބޫލުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންކަމުން ޝަރީއަތް ނިމެންދެން އެމީހުން ބަނދުގައި ބެއިތިއްބުމަށް އަމުރުކުރީއެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އަށް މީހަކު ހައްޔަރުކުރި އެވެ. އަދި އެމީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
ޓެރަރިޒަމް ގެ ދަޢުވާކުރާ ފަރާތްތަކަކީ:

1 – އަބްދުﷲ ޝަރީފް، ފެހިވިދުވަރު/ ތ.ތިމަރަފުށި

2- އަހްސަން މުހައްމަދު، ކެނެރީގެ/ ތ.ތިމަރަފުށި

3- އަލީ މުނީޒު، ކެނެރީގެ/ ތ.ތިމަރަފުށި

4- މުހައްމަދު އާސިރު، އަސުރުމާގެ/ ތ.ތިމަރަފުށި

5- އަލީ އަރުހަމް މުހައްމަދު، ފެހިވިލާ/ ރ.ކަނދޮޅުދޫ

6- ޝަމާހް ޝަރީފް، ސައިމާ/ ތ.ތިމަރަފުށި

7- އިބްރާހިމް ލޫތު، ރޯޒްމީޑް/ ނ.ކުޑަފަރި

8- އަބްދުﷲ އިމާދު، ބީޗް ހައުސް/ ރ.މަޑުއްވަރި

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު މީގެ ކުރިން ވިދާޅުވީ މި އަށް މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ތިމަރަފުށީގައި ދީނުގެ ނަމުގައި ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް ޓެރަރިޒަމަށް ހިތްވަރު ދީ ޓެރަރިސްޓު ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއް ކަމަށް ދައްކައި ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ރާވައި އެކަމަށް ހިތްވަރުދޭތީ ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *