ކުރީގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ހަދާފައިވާ 7000 ހައުސިން ޔުނިޓަށް ހަތަރު ގޮތަކަށް ފައިސާ ދެއްކޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. ނަމަވެސް އެތަނަށް މަހަކު ދައްކަންޖެހޭ ވަރާއި ޑައުންޕޭމަންޓުގެ ޢަދަދެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިޔާ ފްލެޓްތަކުގެ ކުއްޔާ ގުޅޭ ގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހުމަދު ނަސީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ފްލެޓްތަކަށް ކުލި ދެއްކުމަށް ހަތަރު ގޮތެއް ކަނޑައަޅާފައިވާ ކަމަށެވެ.
"އެ އޮޕްޝަންތަކުގެ ތެރޭގައި އެންމެ ކުޑަކޮށް އޮޕްޝަންގައި އޮންނަނީ 7000 ރުފިޔާ މަހަކު ދައްކާށޭ އިންނަނ.ީ އެއީ ޑައުން ޕޭމަންޓުގެ ކޮންމެވެސް މިންވަރެއް ދައްކާފައި، 20 އަހަރަށް މަހުން މަހަށް ދައްކާ ގޮތަށް. އެއްވެސް ޑައުންޕޭމަންޓެއް ނުދައްކާ ދައްކާ ކަމަށްވާނަމަ ދައްކަންޖެހޭ ވަރެއް އެބައޮތް. ފުލީކޮށް ޕޭކުރަންޔާ ވާގޮތް ވެސް އެބައޮތް ސާފުކޮށް ފެންނަން،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
ހިޔާ ފްލެޓް މަޝްރޫއުއަށް ހުށަހެޅި ހުރިހާ ފޯމެއް މި ސަރުކާރުގެ ފްލެޓް ކޮމިޓީން އަލުން އިވެލުއޭޓްކޮށް ދާއިމީ ލިސްޓުތައް ވަނީ ނެރެފަ އެވެ. އެ ފްލެޓްތައް އަންނަ މަހު ހަވާލު ކުރެވޭނެ ކަމަށް ސަރުކާރާއި އެޗްޑީސީން ވެސް ބުނެފައިވާއިރު، ރައީސް އޮފީހުން ބުނާ ގޮތުން އެތަނަށް ވަދެވޭވަރު ވާނީ މެއި ނުވަތަ ޖޫން މަހު އެވެ.

