ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް މިހާތަނަށް ހުޅުވާލާ އެންމެ ބޮޑު ލޯނު ސްކީމުގެ ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަން އަންގާފައިވަނީ މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމުގައި ޑރ. ހަސަން ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ދޫކުރާ ލޯނު ސްކީމުގެ ދަށުން މިއަހަރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް މަތީ ތައުލީމު ހާސިލް ކުރެވޭނެ ކަމަށާއި އެގޮތުން ޖުމްލަ 770 ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި މިހާރު ކިޔަވަމުން އަންނަ ކުދިންނަށް 471 ޖާގަ މި ލޯނުތަކުގެ ތެރެއިން ހާއްސަ ކޮށްފައިވާއިރު އަލަށް ކިޔަވަން ފަށާ ކުދިންނަށް 290 ޖާގަ ހާއްސަ ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ފުރުސަތުތައް ހުޅުވާލުމުގެ އެންމެ ބޮޑު ބޭނުމަކީ މަތީ ތައުލީމު ހާސިލްކޮށްގެން އައިސް ދަރިވަރުން ގައުމަށާއި ގައުމުގެ އިގްތިސޯދަށް ފައިދާހުރި ރޮނގުތަކުން ހިދުމަތްކުރުން. އަދި ޒުވާނުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯއްދަވައިދެއްވުން. މިފަހަރުގެ ލޯން ސްކީމްގައި ހިމެނޭ އެންމެ ހާއްސަ އެއް ކަމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މިފަހަރުގެ ލޯން ސްކީމްގައި ޖާގަ ހަމަޖައްސާފައިވުން." އޭނާ ވިދާޅުވި އެވެ.
ޑރ. ހަސަން ވިދާޅުވީ މިއަހަރު ލޯން ސްކީމްގައި ރާއްޖެއިން ބޭރުގެ އިތުރުން ރާއްޖޭގައި ފުރަތަމަ ޑިގްރީ އަށް ކިޔަވާ ދަރިވަރުން ކުރަން ޖެހޭ އެހެނިހެން ހަރަދުތައް ކުރުމަށްވެސް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެ ދަރިވަރުން އުޅޭ ތަންތަނުގެ ކުއްޔާއި ކަރަންޓް ބިލާއި ފެން ބިލަށް ކުރަމުން އަންނަ ހަރަދުތައް ކުރުމަށް މި ލޯނު ސްކީމުން ފުރުސަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

