ރޭގަނޑު 8:00 އިން ފަތިހު 4:30 އަށް އައްޑޫ ސިޓީގައި ކާފިއު ހިންގަން ނިންމައިފިއެވެ އައްޑޫ އިން މިހާތަނަށް 48 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ހިތަދޫން 22 މީހަކާއި ހުޅުމީދޫން 26 މީހެކެވެ. މި ކޭސްތަކާ ގުޅިގެން އައްޑޫ ސިޓީ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކު ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރެއްވައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު އެންގުމުގައި ބުނީ މާދަމާއިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީގައި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރާ ކަމަށެވެ. އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ. އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށްވެސް ވަނީ އަންގައިފައެވެ.
އެއް ފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން މަނާކޮށް ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަންވެސް ބަންދުކުރަން ވަނީ އަންގައިފައެވެ. އަދި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ވަނީ މަނާކޮށްފައެވެ.

