ގއ. މާމެންދޫގައި ރޭ ހިންގި މާރާމާރީގައި މަރުވި ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމައިފިއެވެ.
ދެ ގްރޫޕެއްގެ ދެމެދުގައި ރޭ 11:00 ހާއިރު ހިންގި މާރާމާރީގައި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު މަރުވީ އޭނާގެ ހަށިގަނޑަށް ވަޅިން ދިން ހަމަލާތަކުގެ ސަބަބުންނެވެ. އެ މާރާމާރީގައި އުދައްޔުގެ އެއްބަނޑު ބޭބެ، ފިރުޝާން ޒާހިރަށްވެސް ވަނީ ވަޅިން ހަމަލާދީ ޒަހަމުކޮށްލައިފައެވެ.
މާމެންދޫން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އުދައްޔުއަށް ހަމަލާ ދިނީ ތިން ސައިކަލެއްގައި ދިޔަ ހަ މީހުންގެ ގްރޫޕަކުން ކަމަށާއި އެމީހުން ގޮސް ވަޅީންނާއި ދަގަނޑުބުރިން އޭނާއަށް ހަމަލާ ދީފައިވާ ކަމަށެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ 27 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް އަދި 18 އަހަރުގެ މީހެކެވެ.

