ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން މިއަދު މިއޮތް ސަރުކާރު ގެންނަން އެންމެ ބުރަ މަސައްކަތް ކުރި އެކަކަކީ އޭނާ ކަމަށާއި ނަމަވެސް މި ސަރުކާރުން އެންމެ ބޮޑު ބޭއިންސާފަކާއި ހިތްދަތިކަމެއް ދީފައި ވަނީ އޭނާއަށް ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.
މީގެ އެއް އަހަރު ކުރިން މިނިސްޓަރުކަމުން ޝިދާތާ އިސްތިއުފާ ދެއްވީ، ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭ އަހުމަދު ހިޝާންގެ، ބެލުމުގެ ދަށުގައި، ހާއްސަ އެހީއަށް ބޭނުންވާ ޒުވާނަކު ހުރި މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ އިހުމާލު އޮތް ކަމަށް ބުނެ، ޝިދާތާގެ އިސްތިިއުފާއަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ގޮވާލަމުން ދިއުމުންނެވެ.
އަދި އޭނާއަކީ މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވި ވަޒީރެވެ.
މަގާމުން އިސްތިއުފާ ދެއްވިތާ އަހަރެއް ވުމާ ގުޅިގެން މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ޝިދާތާ ވިދާޅުވީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން، މި ސަރުކާރު ގެންނަން އެންމެ ބުރަކޮށް މަސައްކަތް ކުރި އެކަކަށް އޭނާ ވާނެ ކަމަށެވެ.
އަދި މި ސަރުކާރު ގެނައީ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ގާއިމްކުރަން ކަމުގައި ވީނަމަވެސް އަމިއްލައަށޤ ގެނައި ސަރުކާރުގެ އެންމެ ބޮޑު ބޭއިންސާފަކާއި ހިތްދަތިކަމަކާއި ކުރިމަތިވީ ވެސް އޭނާއަށް ކަމަށް ވިދާޅުވި އެވެ.
"ކޯލިޝަން ހުރިހާ ޕާޓީއެއްގެ ލީޑަރުންގެ ހައްގުގައި ބިރެއްނެތި ވަކާލާތު ކުރިން. މިއަދު އަޅުގަނޑު މަގުމަތިކޮށް ބާކީކޮށް ހުރުމަކީ ރައީސް ސޯލިހު ހިމެނޭހެން ކޯލިޝަންގެ ހުރިހާ ލީޑަރުން ލަދުގަންނަންޖެހޭނެ ކަމެއް. އެހެނަސް ސިޔާސީ ގޮތުން ފަހަތަށް ޖެހުމުގެ ވިސްނުމެއް ނެތް. ދާނީ ކުރިއަށް އިންޝާﷲ،" ރައީސް ސޯލިހާއެކު ނަގާފައިވާ ފޮޓޯއަކާއެކު ޝިދާތާގެ ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މުވައްޒަފުންނާ ބައްދަލު ކުރައްވައި ޝިދާތާ ވަނީ، މިނިސްޓަރު ކަމުގެ މަގާމުން ދުރަށް ވަޑައިގަތަސް ސަރުކާރާ އެކުގައި ހުންނަވާނެ ކަމަށާއި އިދިކޮޅާ ގުޅިވަޑައިގަތުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ.

