ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ނޮވެންބަރުމަހަށް ނިމޭނެ – އެމްޓީސީސީ

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ނޮވެންބަރުމަހަށް ނިމޭނެ – އެމްޓީސީސީ

ގދ.ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތްތައް މިއަހަރުގެ ނޮވެމްބަރުމަހަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން މިހާރު ދަނީ ފަރެސްމާތޮޑާ އެއަރޕޯޓު ހެދުމަށް ބޭނުންވާ ބިން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފަރެސްމާތޮޑާ އެއަޕޯޓަކީ އެންމެ ފަހުން ރާއްޖޭގައި ތަރައްޤީކުރަން ފެށި އެއަރޕޯޓްއެވެ. މިތަނުގެ މަސައްކަތަށް ބޭނުންވާ ތަކެތި އެރަށަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުއެވެ. ފަރެސްމާތޮޑާގައި އެއާޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުއެވެ. ބިން ހިއްކުމުގެ މަސައްކަތް 2019 ވަނަ އަހަރު ނިމުނުނަމަވެސް، އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ. ދިގު މުއްދަތަކަށްފަހު ފަރެސްމާތޮޑާ އެއާޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީއާ ސަރުކާރުން ޙާވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ތަރައްޤީކުރަނީ ކައިރީގައި ހުރި ކުދި ރަށްތަކެއް އެއްކޮށްލައިގެންނެވެ. މި ރަށްތައް ހިމެނޭހެން ޖުމުލަ 19.9 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 888 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ޖަހާފައިވެއެވެ.

އެއަޕޯޓްގެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވީ ރަންވޭ ހެދުމަށް ބޭނުންވާ ބިން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން ރަންވޭގެ ބޭސް ލޭޔަރުތައް އެޅުމަށް ބޭނުންވާ ސަރަޙައްދު ކޮނުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ވިދާޅުވެފައިވެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ، ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް އެއަރޕޯޓުގެ މަސައްކަތްތައް އެއްކޮށް ނިންމާލުންކަމަށެވެ.

"ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްއެބަދޭ. މި އެއާޕޯޓަކީވެސް ރިކޯޑް މުއްދަތެއްގެ ތެރޭގައި ނިންމުމަށް އަޅުގަނޑުމެންނާއި ހަވާލުކޮށްފައިވާ މަޝްރޫޢެއް. އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރުމަހަށް އެއާޕޯޓުގެ ހުރިހާ މަސައްކަތްތަކެއްވެސް ނިންމާލުން" އާޒިމް ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ޚާއްސަކޮށްފައިވަނީ އެތެރޭގެ އުދުހުންތަކަށެވެ. މިމަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި 1200 މީޓަރުގެ ރަންވޭ ހެދުމާއި ޓެކްސީވޭއާއި ޕްލައިޓް ޕާކުކުރާ އޭޕްރަންއާއި ސަރވިސް ރޯޑް ޤާއިމުކުރުން ހިމެނެއެވެ.

މި މަޝްރޫޢަކީ 144.8 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މަސައްކަތް މުޅިން ނިންމުމަށް އެމްޓީސީއާ ޙަވާލުކޮށްފައިވަނީ 1 އަހަރާ 8 މަސް ދުވަހުހެ މުއްދަތެކެވެ. ރާއްޖޭގެ ކޮންމެ ރަށަކުން 30 މިނެޓުން އެއަރޕޯޓަށް ދަތުރުކުރެވޭ ކައިރިމިނުގައި، ވައިގެ ދަތުރުގެ ނިޒާމު ޤާއިމުކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. ސަރުކާރުން މިދިޔަ އަހަރުވަނީ ރާއްޖޭގެ އިތުރު ތިން ރަށުގައިވެސް އެއަރޕޯޓް އެޅުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާކަން އިޢުލާންކުރައްވާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *