ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން މާލޭގައި މިއަދު ބޭއްވި އިހުތިޖާޖުގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ޕީޕީއެމްގެ އޮފީސް ސަރަހައްދުން އިދިކޮޅުން މިއަދު ހަވީރު މުޒާހަރާ ފެށި އިރު، މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި އެމަނިކުފާނަށް އަނިޔާ ނުކުރުމަށް ގޮވައިލައިފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށްވެސް މުޒާހަރާގެ ބައިވެރިން ގޮވާފައިވެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ކައުންސިލްގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިރޭ ވިދާޅުވީ، މިއަދުގެ އިހުތިޖާޖުގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕީއެންސީ ކައުންސިލް މެންބަރަކާއި ސްޓިއަރިން ކޮމިޓީގެ މެންބަރެއްވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީނަށް އިއްވި ޖަލު ހުކުމް ހައިކޯޓުން ދެމެހެއްޓުމުން އިދިކޮޅުގެ ކައުންސިލުން ވަނީ ސީދާ ހަރަކާތަށް ނުކުންނަން ފާސްކޮށްފައެވެ. އޭގެ ފަހުން އިދިކޮޅުން ދަނީ މާލެއާއި އަތޮޅުތެރޭގައި ސިލްސިލާ ގޮތެއްގައި އެއްވުންތައް ބާއްވަމުންނެވެ. ދާދިފަހުން ޕީއެންސީ ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މެދުނުކެނޑި 24ގަޑިއިރުވެސް އިހްތިޖާޖް ކުރަންޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.
އިދިކޮޅުން ބުނެފައިވާ ގޮތުގައި އިދިކޮޅުގެ މަގުމަތީ ހަރަކާތްތައް ނިންމައިލާނީ ޖަލުގެ ޙުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެރައީސް ޔާމީން މިނިވަންކުރުމަށް ފަހުއެވެ.

