މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބައްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްވަވާ ރިޔާސީ ބަޔާން ވެގެންދާނީ ކޮވިޑް-19އިން އަރައިގަނެ ޤައުމު އަލުން އާރާސްތު ކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާނެ ރިޔާސީ ބަޔާނަކަށްކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9 ޖަހާއިރުއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ވިދާޅުވީ، މިހާތަނަށް އެންމެ ބޮޑު ސަމާލުކަމެއް ސަރުކާރުން ދެއްވާފައިވަނީ ކޮވިޑް-19 ކޮންޓްރޯލްކޮށް މިޙާލަތުން އަރައިގަތުމަށްކަމަށެވެ. އެގޮތުން މިހާރު ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ދޭން ފަށާފައިވާކަން ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން ވެގެންދާނީ އަލުން ޤައުމު އާރާސްތުކޮށް، ޤައުމު ބިނާކުރުމަށް ސަރުކާރުގެ ފަލްސަފާ ކުރިއަށް ރޭވިފައިވާގޮތް ހާމަކުރައްވާނެ ބަޔާނަކަށްކަމަށެވެ.
މަބްރޫކް ވިދާޅުވީ، ކޮވިޑް-19 އިން ދަސްވި ފިލާވަޅަކީ، ސަރުކާރުގެ ބައެއްކަންކަން ތަރުތީބުކުރުމަށް ބަދަލުތަކެއް ގެންނަން ޖެހޭކަންކަމުގައެވެ. އެހެންކަމުން ރިޔާސީ ބަޔާނުގައި، ޤައުމު މިހާލަތުން އަރައިގަތުމަށްފަހު ގެންގުޅުއްވާނެ ޕްލޭން ހާމަކުރައްވާނެކަމަށް އޭނާ ވިދާޅވިއެވެ.
މަބްރޫކް ވިދާޅުވީ މިސަރުކާރު އައީވެސް ކުރަންޖެހޭ ކަންކަން ތަރުތީބުކޮށް ނަންބަރުތައް ޖައްސަވައިގެންކަމަށާއި، އެހެންކަމުން އިޤްތިޞާދީ އަދި އިޖްތިމާޢީގޮތުން ޤައުމު ކުރިއަށް ގެންދވާނެގޮތް ހާމަކުރައްވާނެކަމަށެވެ. އަދި ކޮވިޑް-19 ފަދަ އިތުރު ކާރިޘާއެއް ޤައުމަށް ކުރިމަތިވެއްޖެނަމަ އަވަހަށް އަރައިގަތުމުގެ މިސްރާބަށް ޤައުމު ދެވޭނެގޮތަށް ޤައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ޕްލޭންވެސް ރައީސްގެ ބަޔާނުން ހާމަވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރިޔާސީ ބަޔާނަކީ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެކަމަށެވެ.

