ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުންދާ ވެލާނާ ބިލްޑިންގ ކުރިމައްޗަށް ވާ ގޮތަށް އޮންނަ އަމީރު އަހުމަދު މަގު ސަރަހައްދު ކައިރީގައި ޕާކްކުރުން މަނާކޮށްފިއެވެ.
އެމަގުގައި ޕާކްކުރުން މަނާކޮށްދިނުމަށް އެދި ޕްލޭނިންގ މިނިސްޓްރީން ވަނީ މާލެ ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވާފައެވެ.
ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، އެތަން ހުސްކުރަން އަންގާފައިވަނީ އެމްއެންޑީއެފުން ބުނެގެން ކަމަށެވެ. އަދި އެއީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއަށް ފަހު، މަޖިލިސް ގޮއްވާލާނެ ކަމަށް ބުނެ މީޑިއާގައި ކޮމެންޓު ކުރި މީހަކު ހައްޔަރުކޮށްފައިވާއިރު ސަލާމަތީގޮތުން އިތުރު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި ދާދިފަހުން އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން ދިވެއްސަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭގެ އިތުރުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު ގޮއްވާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައެއްގައިވެސް ވަނީ މީހަކު ހައްޔަރުކޮށްފައެވެ.
ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ ޝޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އިންޒާރުތައް ދެމުންދާ މީހުންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.